f VaahakaMV

Monday, July 29, 2013

ޒަމާން ތަރައްޤީވެ މީސްތަކުން ހޭލުންތެރިވަމުން ދެއެވެ. ނަމަވެސް ތައުލީމެއްނެތް ނިކަމެތި ހާލުގައި އުޅެމުންދާ އެތައް ބަޔަކު މިކުޑަކުޑަ ދިވެހި ރާއްޖޭގެ ކުދިކުދި ރަށްރަށުންނާއި ބޮޑެތި ރަށްރަށުން ފެނެއެވެ.  ނަމަވެސް މިކަން ކަމާއި މެދު ވިސްނާ ފިކުރުކޮށް އެހާލަތު ބަދަލުކުރުމަށް އެހީވާނެ ފަރުދަކު ނުހުރެއެވެ. ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ ވެރިއަކު ހުއްޓަސް އިހުމާލުވެފައިވާ ވަރަށް ގިނަ ބަޔަކު ތިބެއެވެ. އޭގެ ތެރެއިން އުއްމީދު ގެއްލި ބޭގަރާރުވެފައި އެތައް އަންހެނުންނަކާއި ޅަދަރިންނެއް ވެފައިވަނީ ކެހިވެރި އަނިޔާވެރި ދަހިވެތި ބައެއްގެ ޖިންސީ ޝިކާރަކަށެވެ. މިކަންކަން ހިނގަމުންދަނީ ފަރުދާގެ ފުރަގަހުގައި ކަމަށްވިޔަސް އެކަންކަން ވެފައިވަނީ އެންމެންނަށްވެސް އެނގޭ ސިއްރަކަށެވެ. ފެނުނަސް ފެންނަކަމަށް ހަދާނެ މީހަކު ނުހުރެއެވެ. އެންމެންވެސް ކުށްވެރިކުރަމުންދަނީ އަނިޔާ ލިބޭ މީހާއެވެ. އަނިޔާ ކުރާ މީހާ ހުންނަނީ އަބުރުގެ ތޮފިން ނިވާވެގެން ދުރުގައެވެ. މިއީ މިއަދު ބަދަލުކުރަން ޖެހިފައިވާ ކަންތައް ތަކެކެވެ. މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވެއެވެ. ސަރުކާރުންވެސް މިކަންކަމުގައި އަމަލީ ފިޔަވަޅު ވަގުތުން ވަގުތަށް އެޅުމަށް ގޮވާލަމެވެ. އަދި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރަމުންދާ ހިއުމަން ރައިޓުކޮމިޝަން ނިދާފައިވާ ކަންނެތް ނިދިން ހޭލާ އަމަލީ މައިދާނުގައި ފައިތިލަ ސާބިތުކުރުން އެދެމެވެ. ތިރީގައި މިލިޔެލަނީ އަނިޔާލިބިފައި މިހާރުވެސް އަނިޔާގެ ޝިކާރައަކަށް ވަމުންދާ އަންހެން ކުއްޖެގެ ވާހަކައެވެ. ކަންހިންގާފައިވާގޮތަށް ލިޔެފައިވާ ޙަޤީޤީ ހާދިސާއެވެ.
 ޢުމުރުން 24 އަހަރު ފުރުނު އިރު ސައިނާ އަކީ ޝަރުޢީ ބައްޕައެއްނެތް 03 ކުދީންގެ މަންމައެކެވެ. ސައިނާގެ ފުރަތަމަ ދަރިފުޅު ލީނާ ސައިނާ ވިހެއީ އޭނާގެ އުމުރުން 18 އަހަރު ނުފުރެނީހެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށް މުޅި ދިރިއުޅުންވެފައިވާ ސައިނާއަކީވެސް ހުދު ކޮންމެވެސް އަންހެނަކާއި ފިރިހެނެއްގެ ނަހަމަގުޅުންތަކަކުން މޫލާ ނުކުތް ޅަ ކުރި އެކެވެ. ސައިނާގެ މަންމަ އާބިދާ ސައިނާއަށް 04 އަހަރުގައި މީހަކާއި އިދެގެން އެހެން ރަށަކަށް ބަދަލުވީ އާބިދާގެ މަންމަ ދަލޭކަގެ ބޮލަށް ސައިނާ ޖެހުމަށްފަހުއެވެ. ދަލޭކައަކީ އުމުރުން 60ގެ އަހަރުތައް ގުނަމުންދާ މުސްކުޅިއެކެވެ. ބޮޑެތިވެފައިވާ އެތައް ދަރިންނެއްގެ ބުރަ މުސްކުޅިހާލާއިއެކު އުފުލަމުންދާ ބަލިމީހެކެވެ.
ސައިނާ ދަލޭކަ ބަލަމުންދިޔައީ ލޮލުން ބަލާ އުސޫލުންނޭ ބުނުމަކީ ދަލޭކައަށް ބުނެވޭ ބޭއިންސާފު ބަހެއް ނޫނެވެ. ކާއެތި ކޮޅުދިނުންފިޔަވާ ދަލޭކަ ސައިނާއަށް ކޮންދިން އެއްވެސް ކަމެއް ނެތްކަމުގެ ހެއްކަކީ މިއަދުވެސް ސައިނާއަށް އަލިފު އިންނަނީ ތެދަށްކަންވެސް ނޭންގޭކަމެވެ. ރަށްރަށުގައި ތައުލީމަށް އިސްކަންދޭން ފެށި ދުވަސްވަރު ބޮޑުވަމުން އައި ސައިނާ ދުވަހަކުވެސް ސުކޫލަކަށް އެދުރުގެއަކަށް ނުފޮނުވާކަމަށް އަސަރާއެކު ބުނެފައިވެއެވެ.
ސައިނާބުނާ ގޮތުންނަމަ އޭނާ ހަދާންހުންނަން ފެށިންސުރެންވެސް އޭނާއަށް ގޭތެރެއިން ޖިންސީއަނިޔާ ލިބެމުންދެއެވެ. އެންމެ ފުރަތަމަ ޖިންސީ އަނިޔާ އޭނާއަށް ކުރަންފެށީ އޭނާގެ މަންމައާއި އެއްބަނޑު އެއްބަފާ ދައްތައެއްގެ ފިރިހެން ދަރިފުޅު އަޙްމަދު އެވެ.  އެކަން މާމައަށްވެސް ދައްތައަށް ވެސް އެގޭކަމަށް ވެއެވެ. ފުރަތަމަ ކޮޅު ތަދުވާތީ މާމަ ކައިރީ ސައިނާ ޝަކުވާ ކުރިއެވެ. އެކަހަލަ ޝަކުވާއެއް އަންނަ ކޮންމެ ފަހަރަކު އެއީ ދައްކާ ކަހަލަ ވާހަކައެއް ނޫނޭ އެވާހަކަ މީހުންކައިރީ ނުދައްކާށޭ ދަލޭކަ ބުނެއެވެ.
ކޮންމެ ކަމެއްވެސް ސިއްރުކުރެވޭނީ ވަކިވަރަކަށެވެ. ދުވަސްކޮޅެއްގެ ތެރޭގައި ސައިނާއަށް ގޭތެރެއިން ލިބޭ އަނިޔާ މީސްކޮޅު މަދު އެކުޑަކުޑަ ރަށުގެ އެންމެންނަށްވެސް އެނގޭ ސިއްރަކަށްވެއްޖެއެވެ. އެންމެފުރަތަމަ އަޙްމަދު ދެންއޭނާގެ ރައްޓެހިން ދެން އަވައްޓެރިންނާއި، ބީރައްޓެހިން ކަރުހިއްކަން ފެންބޯންދާ ފެންގަނޑަކަށް ސައިނާގެ މައުސޫމް ހަށިގަނޑުވެއްޖެއެވެ. ގާތެއް ދުރެއް، ހަގެއް ދޮއްޓެއް ނެތެވެ. ސައިނާގެ ގޭގައި އޭނާއަށް ހިމާޔަތެއް ދޭނޭ މީހަކު ނެތްކަން ޝިކާރަވެރިންނަށް އެނގުމުން އެގެއަށް އެކިކަންކަމު އައިސް ސައިނާއަށް ގޯނާކުރަން ފެށިއެވެ. ކުޑަކުޑަ މަލެއްފަދަ ސައިނާ  ފަރިވުމުގެ މާކުރިން ފިޔަތައްޗަސްވެ ކަރުގަނޑުވެސް ފިލުވިގެން ދިޔައީ އަނިޔާއަކީ ކޮބާކަން ނުވެސް އެނގޭހާ ކުޑަކުޑަ އިރުގައެވެ.  ސައިނާ ފުރާވަރަށް އެރީ އެއަނިޔާ އާއި ވޭނުގެ ތެރޭގައެވެ. އޭރު އޭނާއަށް ވިސްނިފައިވަނީ އޭނާއަކީ މީހުންނަށް ހިދުމަތްކޮށްދެން އުފާކޮންދެން ހުންނަން ޖެހޭ މީހެއްކަމަށެވެ. އެއީ ހަމަ ސައިނާ ފަދަކޮންމެ އަންހެން ކުއްޖެގެ ހަޔާތް ބިނާވެފައިވާގޮތްކަމަށެވެ. އެހެންކަމުން ސައިނާގެ ޝަކުވާތައް ބަންދުވިއެވެ. އެއަނިޔާ އަށާއި ވޭނަށް ހޭނުނެވެ. އަޅާލާނޭ ޔާރެއް އިޔާރެއް ނެތް ދުނިޔެ ސައިނާއަށް ފެނުނީ ލައްޖެހި ހަނޑިވެފައިވާ އޭނާގެ ހަށިގަނޑު ފަދައިންނެވެ. އަމިއްލަ އެދުންފުއްދަމުން ހައިރާތުކުރަމުން ދިޔަ މީހުންގަނޑުގެ ތެރޭ ސައިނާގެ މައުސޫމުކަން ގެއްލި ބޮޑުމީހަކަށް ވިއެވެ.  ޢުމުރުން ހަގުކަމާއި އެކު އޭނާއަށް ލިބުނު ތަޖުރިބާ ބޮޑެވެ. ނަމަވެސް އެއީ އޭނާގެ ހަލާކެވެ. އެކަމު އަހަރެން ސައިނާ ކުށްވެރިއެއް ނުކުރާނަމެވެ. އޭނާ އެ ކަށިކުބުރު މަގު ހިޔާރުކުރުމަށް މަޖުބޫރު ކުރުވީ އެތައް ބައެއްގެ އިހުމާލުންނެވެ. އަނިޔާއާއި ތުރާލުންނެވެ. މަލާމާތާ ފުރައްސާރައިންނެވެ. ބޮޑުވަމުން އާއިރު ބޭނުންވާ ތަކެތި ހޯދުމަށް ސައިނާ އޭނާގެ ހަށިގަނޑު ނުއަގުގައި ވިއްކަންފެށިއެވެ. މީރުވަސްދުވާ ސެންޓާ ރީތިހެނދުން ހޯދުމަށް އޮތް ހަމައެކަނި ވަސީލަތަކަށް ސައިނާއަށް ފެނުނީ އެގޮތެވެ.
ސައިނާ އާއި ރިޒާ ބައްދަލުވީ ސައިނާގެ އުމުރުން 16 ވަރަކަށް އަހަރުއެވެ. ރިޒާ އަކީ ކާވެންޏެއްކޮށް 5 ކުދީން ލިބި ކާވެނި ރޫޅިފައިވާ ޒުވާނެކެވެ. ރިޒާ އޭނާގެ ފޮނިބަސްތަކުން ސައިނާގެ ހިތް އަތުލިއެވެ އަދި ކާވެނީގެ ދަޅަ ދައްކައިގެން އޭނާގެ ހިތުގެ ކަރުހިއްކުން ފިލުވުމަށް އޭނާގެ ކޮޓަރި އަށާއި ރަށުގެ މީހުން ނޫޅޭ ސަރަޙައްދުތަކަށް ގެންދަން ފެށިއެވެ. ތައުލީމެއް ލިބިފައިނެތް ސައިނާއަށް ކާވެނީގެ މުޙިއްމުވީ ސަބަބުތަކަށްޓަކައެވެ. އޭނާ ބޭނުންވަނީ ރިޒާގެ މީހަކަށް ވެގެން އޭނާ ވެއްޓިފައިވާ ފުން ވަޅުގަނޑުން ސަލާމަތްވުމަށެވެ. ނަމަވެސް ރިޒާ ވީ އޭނާގެ ދިރިއުޅުން އިތުރަށް ބަރުބާދުކޮށްލި ބޭވަފާ ތެރިއަކަށެވެ. އެހެން މީހުން ފަދައިން ބޭނުން ފުއްދާލުމަށްފަހު ދިޔައީ އެގުޅުމުން އިތުރު ބުރައެއް ސައިނާގެ ކޮޑުގައި އެޅުވުމަށްފަހުއެވެ. ސައިނާ އާދެސް ކުރިއެވެ. ރިޒާގެ ފަސްފަހަތުން ހިނގިއެވެ. ނަމަވެސް ރިޒާ ފަސްއެބުރި ބެލުމެއް ނެތި ގޮސް އޮބާލީއެވެ. ސައިނާ އެކަނިވީއެވެ. އެއާއިއެކު ކުޑަނަމަވެސް އޯގާތެރިކަމެއް ހުރެގެން އަނގައިން ބުނެލާ ހެދިމީހުންވެސް  ނުރުހުމާއި އެކު މޫނު އަބުރާލާ ދުރައްދިޔައެވެ.
2004ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ފަހުކޮޅު ސައިނާ  އޭނާގެ ދަރިފުޅު ލީނާ ވިހެއީ ވޭނާތުރާލުގެ އެތައް ކަނޑެއް ހުރަސްކުރުމަށްފަހުއެވެ. މަންމައެއްގެ ލޯތްބާއި އަޅާލުމަށް އެދިގެން ފެންބޮވައިގެންފައިވާ ސައިނާ މަންމައަކަށް ވީ ހުދު އޭނާ މައެއްގެ އަޅާލުމަށްއެދި އަތްދިކުރަމުންދަނިކޮށެވެ. ދަރިފުޅު ފުރަތަމަ ސައިނާއަށް ފެނުމުން އޭނާއަށް ކުރި އިޙްސާސްތަށް އެއީ ބުނެދޭން ނޭންގޭ އިޙްސާސްތަކެކެވެ. ލީނާގެ މޫނު ފެނުމުން ސައިނާއަށް ސިފަވެގެން ދިޔައީ ރިޒާގެ މަކަރުވެރި ސޫރައެވެ. ސައިނާއަށް ބުނެލެވުނެވެ. “އާއެކެވެ. އެއީ ހަމަ އެރިޒާއެވެ. އެއަނިޔާ ވެރިޔާއެވެ.” ސައިނާގެ ޖުމްލަ ކައިރީގައި ތިބި މީހުންނަށް އިވުމާއިއެކު ނަފުރަތުގެ ހުޅުގަނޑު އިތުރަށް ބޮޑުވިއެވެ. އަދި ރިޒާ އަކީ އާއިލާބޮޑު ގަދަރުވެރި ބަޔަކަށްވާތީ އެފަދަކަމެއް ނުކުރާނެކަމަށް ބުންޏެވެ.
ސައިނާއަކީ ތަންދޮރުނުދަންނަ ސޭކެއްކަމަށް މީހުން ޤަބޫލުކުރެއެވެ. ނަމަވެސް އެސޭކުކަމާއި ނޭންގުން އޭނާ ހިޔާލުކުރީ އުޅެން ފަސޭހައަށެވެ. އެނޫން ގޮތަކަށް އޭނާއަށް މިހާރު އުޅެމުންދާ ހާލަށްވެސް އުޅެވޭނެކަމަށް ނުފެންނާތީއެވެ. ލީނާ ލިބުމުން ސައިނާގެ ދިރިއުޅުން އިތުރަށް ބިކަވެ ދަތިވިއެވެ. ކުރިން އާއިލާގެ ތެރެއިން ކުދިކުދި އެހީތެރިކަން އިޙްލާސްތެރިކަމާއިއެކު ކޮށްދިން މިސްމީހުންވެސް އޭނާ އަށް ގެއްލުނެވެ. ގޭތެރޭގެ މަސަކަތްކުރަމުން ދަރިފުޅުގެ ބުރަ އުފުލަމުން ހިތްދެމި ނުލާ ސައިނާ ދިރިއުޅުމުގެ ހަގުރާމާގައި މަންޒިލެއް އުއްމީދެއްނެތި ކުރިއަށް ދިޔައެވެ. އަމިއްލަ ނިކަމެތިކަމާއި އެކަނިވެރިކަމާއި މެދު ރޮމުން ގިސްލަމުންނެވެ. ލީނާ ލިބުމުން ގާފިލުކަމުން އޭނާގެ މެރިފައިވާ ދެލޯ ކުޑަކޮން ހުޅުވުނެވެ. ދިރިއުޅުން އިސްލާޙްކުރަން ބޭނުންވިއެވެ. ނަމަވެސް އެކަމުގައި އޭނާއަށް އެހީވާނެ މީހުން ބޭނުންވިއެވެ. ހިތްވަރުދީ ނަސޭހަތްތެރިވާނެ ފަރުދުންތަކެއް ބޭނުންވެއެވެ. ނަމަވެސް އޭނާގެ އެއެދުންތަކަށް އޯގާތެރި ހިތްހެޔޮހިތަކުން އިޖާބަ ދޭނެ އެއްވެސް އިންސާނެއް ނުފެނުނެވެ. އެންމެވެސް އައީ އެދުންތަކެއް ފުއްދުމަށް ވެދުންތައް ހިފައިގެންނެވެ. އަދިރީގެ ތެރޭގައި އެމީހުން ފިލާތިބެގެން އަލާފިލުވީ ސައިނާގެ ބަލިފަޔަކީ ކޮބާކަން އެގޭ ހާލުގައެވެ.
ރަމީޒު އާއި ސައިނާ ބައްދަލުވީ ލީނާއަށް ދޮޅުއަހަރު ވަރުވެފައި ވަނިކޮށެވެ. ރަމީޒު ސައިނާއަށް ހަމުދަރުދީވިއެވެ. އޭނާގެ ހާލަތު ބަދަލުކޮށްދިނުމަށްޓަކައި އެއްވެސް ސަރުތެއް ނެތި ސައިނާ ޤަބޫލުކުރިއެވެ. ސައިނާގެ އަލަތު ކައިވެނި ނުދަންނަ ބީރައްޓެސަކާއި ކުރެވުނީއެވެ. ރަމީޒުގެ އެދުމަށް ސައިނާ ރަމީޒުގެ އުފަންރަށަށް އޭނާގެ މައިންބަފައިންގެ ކައިރިއަށް ބަދަލުވިއެވެ. ސައިނާގެ އުއްމީދަކަށްވީ ރަމީޒުގެ އާއިލާއާއި އެކު ހަމަޖެހޭ ހަޔާތެއް ވޭތިކުރުމެވެ. މައެއްގެ ލޯބި ދުވަހަކުވެސް ލިބިފައިނެތް ސައިނާ މައެއްގެ މަޤާމް ރަމީޒުގެ މަންމަ އަށް ދިނެއެވެ. ނަމަވެސް ރަމީޒުގެ މަންމަ ޖަމީލާއަކީ ރުންކުރު ނުބައި މީހެކެވެ. ޖަމީލާ އަށް ސައިނާ ގޮވައިގެން ރަމީޒު އައުމުގެ މާކުރިން ވަނީ ކޮންމެވެސް ބަޔަކު އެރަށަށް ގުޅާ ސައިނާގެ ވާހަކަ ދައްކާފައެވެ. އެހެންކަމުން ސައިނާ، ރަމީޒުގެ އަންބެއްގެ ހައިސިއްޔަތުން ޤަބޫލުކުރުމަށް ޖަމީލާގެ ހިތް އިންކާރުކުރިއެވެ. ޖަމީލާގެ ނުރުހުމުގެ ލޮލަށް ސައިނާގެ ފަރާތުން ފެނުނީ ހުސް އައިބުތަކެވެ. ސައިނާގެ ސިފައިން ފެށިގެން ހިނގާހިގުމާއި ވާހަކަ ދައްކާ ރާގުވެސް އަޑުވެސް ޖަމީލާއަށް ކަމުދާކަމަކަށް ނުވެއެވެ. އެހެންކަމުން ފިރިމީހާގެ ގޭގައިވެސް ސައިނާވީ ބާކީވެފައިވާ މީހަކަށެވެ. ރަމީޒު ރިސޯޓަށް ދިޔުމާއިއެކު ސައިނާއަށް އިތުރަށް ޖަމީލާ ދަތިކުރިއެވެ. ސައިނާ ކެތްކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޖަމީލާގެ ހަމަލާތައް ލިނާއަށް އަންނަން ފެށުމުން ސައިނާ ގޮތް ހުސްވިއެވެ. ރަމީޒު ރަށަށް އައީ ގޭތެރޭގެ ހަމަނުޖެހުން ބޮޑު ހަގުރާމައަކަށް ބަދަލުވެގެން ދިޔުމުންނެވެ. އޭނާއަށް ވިސްނާނެ ފުރުސަތެއް ނެތެވެ. ގޮތެއް ނިންމަން ޖެހުނެވެ. “މަންމަ ނޫނީ އަނބިމީހާ! ކޮންމެވެސް އެކަކު ނަގާ!” ޖަމީލާ ނަފުރަތުން ފުރިފައިވާ އަޑުން ބުނެލިއެވެ. ރަމީޒު އެންމެފަހުން ބަނޑު އަޅައިވިހޭ މައިމީހާއަށްޓަކައި ހަމްދަރުދީން އޭނާގެ ހިތްފުރިފައިވާ ސައިނާ އަބަދަށްޓަކައި ދޫކޮށްލީ ސައިނާއަށް ރަމީޒާއެކު މުސްތަގުބަލެއް ނެތްކަން ކަށަވަރުވާތީއެވެ. ސައިނާގެ ޝަކުވާއެއްނެތެވެ. އެއީ އޭނާއަށް ކަންވާނެގޮތް މާކުރިން ވަނީ ވިސްނިފައެވެ. އޭނާއަކީ މަޔަކު ދޫކޮށްލުމަށްފަހު މީހަކު އަންނާނެ ފެންވަރެއް ހުރި މީހެއް ނޫންކަން އޭނާއަށް ވިސްނެއެވެ.
ސައިނާ އެބުރި އުފަންވި ރަށަށް ލީނާގޮވައިގެން އައީ އުއްމީދު ގެއްލިފައިވާ ހާލުއެވެ. ދާނެތަނެއް ވަންނާނެ އިތުރު އެއްވެސް ހިޔާވައްސެއް ނެތިގެންނެވެ. އެހެންނޫނަމަ އެއަނދަވަޅަށް ފައިބާކަށް ސައިނާ ބޭނުމެއް ނުވެއެވެ. ރަށަށް އައުމުން މީހުން ސައިނާއަށް މަލާމަތް ކުރިއެވެ. ފާޑުފާޑުގެ ވާހަކަތައް ދައްކާ ސައިނާ އިތުރަށް ރަށުތެރޭ ފަލީޙަތްކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ސައިނާއަށް އެއީ އާކަމެއް ނޫނެވެ. އެހެންކަމުން މީހުން ދައްކާ ވާހަކަ ތަކަށް އޭނާ ދެނީ ބީރު ކަންފަތެކެވެ.
ސައިނާ އޭނާގެ ރަމީޒްގެ ރަށުން އައީ ވަރުގަދަ އަޒުމެއް ކަނޑައަޅައިގެންނެވެ. އެއަޒުމުގެ މަތީ ދެމިހުރުމަށް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ދަރިފުޅުގެ ބޭނުންތައްވެސް ނުފުއްދި ދަރިފުޅު އިތުރަށް ބިކަވާން ފެށުމުން އޭނާގެ އަޒުމް ފުޑުފުޑުވިއެވެ. ދަރިފުޅުގެ ހައްޤުގައިވެސް އޭނާ މަސަކަތްތަކެއް ކުރަންޖެހެއެވެ. އެހެންނޫންނަމަ މާދަމާ ވާނޭގޮތް އޭނާއަށް ވަޒަން ކުރެވެއެވެ. އެހެންކަމުން ސައިނާގެ  އާއިލާއިން އޭނާއަށް ދެއްކި އުމުރުން 40 ގެ އަހަރުތައް ގުނަމުންދާ ޢުމަރު އާއި އޭނާ ކާވެނިކުރީ  ހަމައެކަނި ލީނާގެ ޙައްޤުގައެވެ. އެހެން ނޫނަމަ ސައިނާއަށްވުރެ ދޮށީ އެތައް ކުދީންތަކެއް ލިބިފައިވާ ޢުމަރާ ސައިނާ އިނުމަށް އިންކާރު ކުރީހެވެ. ނަމަވެސް ބަދުނަސީބު ލާމެހިފައިވާ ސައިނާގެ ހަޔާތަކީ އޭރަކު އޮޔާވައި ޖެހޭގޮތަކަށް އޮޔާދިއުމަށް ދޫކޮށްލެވިފައިވާ ބޮބިގަނޑެއް ފަދަ އެއްޗެކެވެ. ޢުމަރު އަކީވެސް ރަށުން ބޭރު މީހަކަށް ވާތީ ސައިނާ ޢުމަރާއި އެކު އެރަށަށް ދިޔައެވެ. ސައިނާ ޢުމަރާއިއެކު ކުރަން ޖެހުނީ ރަމީޒްގެ ގޭގައި ކުރަން ޖެހުނު ތަޖުރިބާ ތަކަށްވުރެ ވޭނާ ތުރާ ލިބުނު ކަންތައްތަކެކެވެ. ޢުމަރު ސައިނާ ދެކުނީ އަންބެއްގެ ހައިސިއްޔަތަކުން ނޫނެވެ. އޭނާގެ ބޭނުންތައް ފުއްދުމަށް އަގުބޮޑުކޮށް ގަނެގެން ގެނެސްފައިވާ ބުދެއްގެ ގޮތަށެވެ. ސައިނާ އަކީ އިންސާނެއްކަމެއް އެހަށިގަނޑުގެ ތެރޭގައި ހިތެއް ވާކަމެއް ޢުމަރަށް އެނގޭކަމަކަށް ނުވިއެވެ. އެހެން އިންސާނުން ފަދައިން ޖެހީމަ ތަދުވާނެކަމެއް، ބަލިވާނެކަމެއް އުމަރަށް ޤަބޫލެއް ނުކުރެވެއެވެ. ތެދު ތެދަށް ބުނާނަމަ ސައިނާގެ ހަށިގަނޑު ގަންނަން އައިމީހުންނަށް ވުރެ އޭނާގެ ހަލާލު ފިރިމިހާގެ ގޮތުގައިހުރެ ބޭނުންކުރަމުންދިޔަ އިންސާނާގެ ހިތްހަރުވެފައި އަނިޔާވެރިކަން ބޮޑުވިއެވެ. އެކަމު ސައިނާ ކެތްކުރިއެވެ. އަޅަކަށްވެގެން އުމަރުއަށް ޙިދުމަތްކުރުމުގައި ދެމިހުރިއެވެ. ނަމަވެސް ދަންވަރުގެ ނާމާންވަގުތު ދަރިފުޅު ހޭލުމުން ރުޅިއައިސްގެން އެއްއަތުކުރީގައި ހިފާ ލީނާ ބޭރަށް އެއްލުމުން ސައިނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް ކޮންމެ ގޮތެއްވިޔަ ލީނާއަށް އެއްވެސް ގޮތެއް ވުމަކީ ސައިނާއަށް ކެތްކުރަން  އުދަގޫކަމެކެވެ. އެހެންކަމުން ޢުމަރު އާއި ސައިނާ ވަކިވާން ނިންމީ ރަގަޅު ފިރިއަކަށް ، އޯގާތެރި ބައްޕައަކަށް ވާނޭކަމަށް އުއްމީދުކުރެވުނު އުމަރު އިންސާނީ ގިންތިން ބޭރުވެފައިވާ އެތައް އަމަލެއް ސައިނާއަށް ކުރުމުންނެވެ. ޢުމަރު ސައިނާ ވަރިކުރިއެވެ. އުޅުމެއްނެތް އަންހެނަކާއި އެކު އުޅެން ބޭނުންނުވާކަމަށް ބުނެފައެވެ.
އަނެއްކާވެސް ސައިނާ އޭނާގެ މާމަކައިރިއަށް އައެވެ. ތިމާގެ މީހުން ތިއްބެއްކަމަކު އަޅާނުލާނެކަންވެސް އެގިހުރެއެވެ. ނަމަވެސް އަނިޔާތައް ވަށާލެވިފައިވާ ދުނިޔޭގައި ބޯހިޔާކުރާނޭ އިތުރުއެއްވެސް ޓިކާނާއެއް ސައިނާއަކަށް ނެތެވެ. ސައިނާ އެނބުރި އައިސް ކުރީގެ ދިރިއުޅުމަށް ރުޖޫޢަވީ ހުރިހާ އުއްމީދެއް ވަޔާދިޔުމުންނެވެ. ސައިނާ ފަދަ އަންހެނަކަށް ދުވަހަކުވެސް މުޖުތައުން ޖާގައެއް ނުލިބޭނެކަން ޔަގީން ވުމުންނެވެ.
ދުވަސްތައް މާޒީވަމުންދެއެވެ. ސައިނާގެ ހަޔާތް އިތުރަށް ކިލަބުވެ ބުރަ ބޮޑުވަމުން ދިޔައެވެ. އެގޮތުން 2009 ވަނަ އަހަރު ފެށުނު އިރު ސައިނާ ވަނީ ލީނާ އާއި އެކު ޝަރުއީ ބައްޕައެއް ނެތް 03 ކުދީން ވިހާފައެވެ. ހަގަށް ލިބުނީ ދެފިރިހެން ކުދީންނެވެ. އުޅުމެއް ވައްޓަފާޅިއެއް ނުއެގޭ ސައިނާ ތިންކުދީން ގޮވައިގެން ހަލަބޮލިވެފައިވާ ދުނިޔޭގަ މެކެމުން ދެއެވެ. އޯގާތެރި ބެލުމެއް އަޅާލާނޭ މީހަކު ނުވާ ހާލުގައެވެ. އޭރު ލަދާ ތަދާ ވޭން ވެފައިވަނީ އޭނާގެ ހަޔާތުގައި ގަނޑުވެފައިވާ އިހްސާސްތަކެއް ކަހަލައެވެ. ނުވަތަ އެއީ ނުވެސް އެގޭ ކަންތައްތައް ތަކެއްކަހަލައެވެ. ޝަކުވާއެއްނެތެވެ. އާދޭސް ކުރުމެއްވެސް ނެތެވެ.
2013 ވަނައަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގެ ދުވަހެކެވެ. ސައިނާ ހަގަށް ތިބި ދެކުދީން ގޮވައިގެން މަސައްކަތުގައި އުޅުމަށްފަހު ގެއަށް އައިއިރު ލީނާ ގެއަކު ނެތެވެ. އެހެންކަމުން ދެކުދީ ގޮވައިގެން އަނެއްކާ ސައިނާ ދިޔައީ އަވައްޓެރިންގެ ގޭގެ ލީނާ އުޅޭތޯ ބެލުމަށެވެ. ނަމަވެސް ލީނާ އާއްމުކޮން ގޮސް އުޅޭ އެއްވެސް ގެއަކުން ސައިނާއަށް ލީނާ ނުފެނުމުން އަނެއްކާވެސް ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ސައިނާ ގޭގެ އޮޅިގަނޑުން ފައިގިރާކޮށްލަން ފައިނެގިތަނާ މީހަކު ގިސްލާފާޑު އަޑެއް ގޭތެރެއިން އިވުނެވެ. އެއަޑު އިވުމާއިއެކު އެއީ ލީނާގެ އަޑުކަންވެސް ސައިނާއަށް އެގިއްޖެއެވެ. ސައިނާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދެކުދީން ގޭގެދޮރުމައްޗަށް ދޫކޮށްލުމަށްފަހު ގޭތެރެއިން އަޑުއަންނަ ދިމާލަށް  އޭނާއަށް ދުއްވައިގަނެވުނެވެ. ސައިނާ ގޮސް އެގޭގެ އުތުރު ފަރާތުކޮޓަރި ކައިރިއަށް ހުއްޓުނުތަނާ ދޮރުހުޅުވާލުމަށްފަހު އޭނާގެ ދައްތަގެ ހަގު ފިރިހެންދަރިފުޅު 23 އަހަރުގެ ފިރުޝާން ކޮޓަރިން ނުކުތެވެ. އޭރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. އެއްވެސް އެއްޗެއް ނުބުނެ އޭނާ ނުކުމެގެން ދިޔައީއެވެ. ސައިނާ ކޮޓަރި ތެރެއަށް ވަނުމަށްފަހު ނަޒަރު އެކި ދިމަދިމާއަށް ހިންގާލިއެވެ. އޭނާއަށް ފެނުނު މަންޒަރުން ހިތްކުދިކުދިވި ކަހަލައެވެ. އެއީ އޭނާ އެކަމެއް ވެދާނެކަމަށް ބިރުން ސިހިސިހި ހުރިކަންތަކެވެ. އަބަދުމެ ލީނާ އޭނާއާއި ވަކިނުކޮށް ގެންގުޅެން އުޅުނު ސަބަބެވެ. ނަމަވެސް މިނިކާ ޖަންގަޔަކުން ބަކަރިއަކަށް ހިމާޔަތެއް ނެތްކަން ސައިނާއަށް މާކުރިންވެސް އެގެއެވެ. އެކަމު އެކަމުގާ އޭނާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެއީ އޭނާގެ މަޖުބޫރީއެވެ. ކުދީން ގޮވައިގެންގޮސް ވަންނާނޭ އިތުރު ބޯހިޔާވައްސެއް ސައިނާ އުޅޭ ގެ ފިޔަވާ އޭނާއަކަށް އަދިރިވެފައިވާ ދުނިޔެއަކުން ނުފެނެއެވެ. އެހީއަކަށް އެދި ކިތަމެވަރަކަށް އަތްދިކުރިއަސް އޭނާގެ ހަޑިވެ ބަރުވެފައިވާ އަތުގައި ހިފާނޭ އޯގާތެރި އިންސާނަކު ނެތެވެ. ސައިނާ ދުވެފައިގޮސް ދަރިފުޅުގެ ކައިރިއަށް ހުއްޓި ދަރިފުޅު ނަގާ ގަޔާ ބޮޑިކޮށްލިއެވެ. އަދި މޮޔައަކު ފަދައިން ގައިގެއެތައް މިތަނުގައި ބޮސްދޭން ފެށިއެވެ. އޭނާ ބޭނުންވަނީ އެއަތުގެ ތެރޭގައި ލީނާއަބަދަށްޓަކައި ފޮރުވުމަށެވެ. އަނިޔާވެރިންގެ ކުރިމަތީ އައްޑަނައަކަށްވެގެން ލީނާ ހިމާޔަތްކުރުމަށެވެ. ލީނާގެ ހޭވިފައިވާ ބޮލާ ރަތްވެފައިވާ ލޮލުން ސައިނާ ނޭހިއަސް ވެފައިވާގޮތް ވިސްނިއްޖެއެވެ. އޭނާއަށް ސިފަވެގެން ދިޔައީ އޭނާގެ ޅަދުވަހެވެ. ހަމަ އެގޮތަށް ފިރުޝާންގެ ބޭބެ އަޙްމަދު ވަނީ ސައިނާގެ ޅަކަމާއި މައުސޫމްކަން ނަގާލާފައެވެ. އެދުވަހު ސައިނާއަށް އެހީދޭނޭ އެކަކުވެސް ނުވިއެވެ. ނަމަވެސް މިއަދު ލީނާއަށް ސައިނާ މާޒީގައި  ބުއިޒަހަރު ހަމައެގޮތަށް ބުއިމަކަށް ސައިނާ ދުލެއް ނުކުރާނެއެވެ. ލީނާއަށްޓަކައި އޭނާ އެންމެ ފަހު ނޭވާއާއި ހަމައަށް މަސައްކަތް ކުރާނެއެވެ. އިންސާފުހޯދުމަށް ހިނގަންޖެހޭ ކޮންމެ ތަނަކަށް އެއްވެސް ލޮޑުވުމެއްނެތި ހިނގާނެއެވެ.
ސައިނާގެ ރުޅިއާއި ހިތާމަ އޭގެ އިންތިހާއަށް ދިޔައެވެ. މޮޔައަކު ފަދައިން ހަޅޭއްލަވަމުން އޭނާ ގޭތެރެއިން ބޭރަށް ނުކުތެވެ. އޭރު ސައިނާގެ ލޮލުން އެތައް އަހަރަކުން ސުރެ ޖަމާކުރެވިފައިވާ ވޭނީ ކަރުނަތައް އޮހޮރެމުން ދިޔައެވެ. އޭނާ މަގުމެދަށް ނުކުމެހުރެ ހިތުގެ އުދާސްތައް ބޭރުކުރަން ފެށިއެވެ. އޭއީ އެހިތުގައި އެތައް ދުވަހަކުން ފެށިގެން އުފެދެމުން ބޮޑުވަމުން ދިޔަ އުދާސްތަކެކެވެ. ޝަކުވާތަކެވެ. އެންމެ ފުރަތަމަ ސައިނާގެ އަޑަށް އަވަޓެރި ގެއެއްގެ ފާތިމާ އެތަނަށް އައެވެ. ފާތިމާ ފެނުމާއެކު ސައިނާ ދުވެފައިގޮސް ފާތިމާ ގައިގާ އޮޅުލައިގެތެވެ. އަދި އޭނާގެ ދިރިއުޅުމުގެ ހިތްދަތި އަދިރިފަރާތާއި ލީނާއަށް ލިބުނު އަނިޔާގެ ވާހަކަ ތަފްސީލްކޮށް ކިޔައިދެމުން ދިޔައެވެ. އަދި އެވަރުން ޤަބޫލުނުކޮށް ފާނެކަމަށް ސައިނާއަށް ވިސްނިގެން ހުދު ލީނާ އެތަނަށް ގެނެސް ފިރުޝާން އޭނާއާއި ދޭތެރޭ ކަންތައްކުރި މުޑުދާރުގޮތްތައް އަކުރުން އަކުރަށް ކިޔުއްވިއެވެ. ފާތިމާވެސް ހުރީ އަންތަރީސް ވެފައެވެ. އަންހެނަކަށްވެ ހުރެ އަންހެނެއްގެ ހަޔާތުގެ އެފަދަ ހާދިޝާތަކެއް އަޑުއެހުމުން އޭނާގެ ޟަމީރު ހޭލިއެވެ. ކުލުނާ އޯގާތެރިކަން އެމައުޞޫމް އަންހެން ކުއްޖާއަށާއި ސައިނާގެ މައްޗަށް ބަންޑުންވިއެވެ. ފާތިމާ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. ސައިނާގެ ހަޔާތުގެ އެއްފަރާތް ފެނި ފަކުރު ގަންއިރު އަނެއްފަރާތުގައި ފޮރުވިފައިވާ ވޭނާ ތަދާ ލަދާ މިއޮންހުރިހާ ދުވަހު ނުފެނުނީ ކީއްވެބާއެވެ؟ އިންސާނިއްޔަތަށް ޓަކައި ނަމަވެސް އެހީގެ އަތެއް ފޯރުކޮށް ނުދެވުނީ ކީއްވެބާއެވެ؟ ފާތިމާ ސައިނާއަށް މައްސަލަ ޖެއްސުމަށް ގުޅަންވީ ނަންބަރުތައް ދިނެވެ. ހަމަ އެވަގުތު ސައިނާ ޖީބުގައިވާ ފޯނު ނެގުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސ ސެންޓަރަށް ގުޅާ ރިޕޯޓްކުރިއެވެ. އެއާއިއެކު ސައިނާގެ މާމައާއި ދައްތަމެން އޭނާއަށް އިންޒާރުތައް ދޭންފެށިއެވެ. މައްސަލަ ކުރިއަށް ގެންދަން ބޭނުންވާނަމަ ގެއިން ނުކުމެގެން ދިޔުމަށް އެންގިއެވެ. އަދި ލީނާއަކީ ކުޑަކުއްޖެއް ކަމަށާއި، އޭނާ ދައްކާ ވާހަކައިގައި ޙަޤީގަތެއް ނެތްކަމަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް ސައިނާ ހުރީ ހަތިޔާރު ބަހައްޓާ ގޮތަކަށް ނޫނެވެ. އޭނާ ލީނާއަށް ލިބުނު އަނިޔާގެ ބަދަލު ފިރުޝާންގެ ފަރާތުން ހިފުމަށް ވަނީ ކެތްމަދުވެފައެވެ.
ލަސްތަކެއް ނުވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނާއި، އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސ ސެންޓަރުގެ ފަރާތުން ބޭފުޅުން އެރަށަށް އައިސް މައްސަލަ ތަޙްޤީޤް ކުރުމުގެ މަސައްކަތް ފެށިއެވެ. އަނިޔާ ލިބުނު ކުއްޖާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސ ސެންޓަރުގެ ފަރާތުން އެރަށަށް ދިޔަ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ހިމާޔަތާއި ރައްކާތެރިކަން ދިނެވެ. އަދި އެއަތޮޅުގެ އަތޮޅު ހޮސްޕިޓަލަށް ގެނެސް ލިބިފައިވާ ޖިސްމާނީ އަނިޔާތައް ދެނެގަތުމަށްޓަކައި ޓެސްޓްތައް ހެދުނެވެ. ނަތީޖާ ވަރަށް ސާފެވެ. އެއާއި އެކު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ފިރުޝާން އެބޭފުޅުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަޚްޤީޤް ބާރު ސްޕީޑްގައި ކުރިއަށް ގެންދަންފެށިއެވެ.
ދެން އޮތީ އަނިޔާ ލިބުނު މީހާއަށް އިންސާފު ލިބި ކުށްވެރިޔާއަށް އަދަބު ލިބުމަށް އެދި ކުރެވޭ އިންތިޒާރެވެ. ސުވާލަކީ ކިހާދުވަހެއް މިކަމަށް ހޭދަވާނެބާވައޭ؟ އަދި ނުފޫޒު ތަކުން އެއްކިބާވެފައިވާ ޝަރީޢަތެއް ކުރިއަށް ގެންދެވިދާނެބާވައެވެ…….؟